ކޮމްޕިޔުޓަރުގެ ބޭނުން ހިފުމުގެ މައުސް ގެ އެހީތެރިކަމަކީ ވަރަށް މުހިންމު ކަމެކެވެ. މައުސް ގެ ބޭނުން ގިނަ ބަޔަކު ދަނީ ފުޅާ ދާއިރާއެއްގައި ހިފަމުންނެވެ.
.
ފުރަތަމަ ފަހަރަށް ކޮމްޕިޔުޓަރ މައުސް އެއް ބޭނުންކުރެވުނީ 1968 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. ކޮމްޕިޔުޓަރގައި މައުސް މަސައްކަތް ކުރާގޮތް ޢާއްމުންނަށް އެދުވަހު ދައްކާލަދީފައިވަނީ އެމެރިކާގެ ސައިންޓިސްޓެއްކަމުގައިވާ ޑޮކްޓަރ ޑަގްލަސް އެންގެލް ބާރޓްއެވެ. ފޯލްޖޮއިންޓް ކޮމްޕިއުޓަރ ކޮންފަރެންސް ގެ ނަމުގައި ބޭއްވުނު ބައްދަލުވުމުގައި ދައްކާލެވުނު މިމައުސް ހަދާފައިވަނީ ލަކުޑިންނެވެ. އަދި ޒަމާނީ މައުސްތަކާއި ޚިލާފަށް އޭގައި ހިމެނިފައިވަނީ އެންމެ ބަޓަނެކެވެ. މިމައުސް އުފެއްދާފައިވަނީ ޑޮކްޓަރ އެންގެލްބާރޓްގެ އެހީގައި ބިލް އިންގލިޝް ނަމަކަށް ކިޔާ ސައިންސްވެރިއެކެވެ.
.
1968 ވަނަ އަހަރުގެ އެފްޖޭސީ ކޮންފަރެންސްގައި މައުސް އިން ލިޔުންތައް ކޮޕީކުރާ ގޮތާއި ޕޭސްޓް ކުރާގޮތް އަދި ކްލިޕް ކުރާގޮތް ވަނީ ދައްކާލާފައެވެ. މައުސް އުފެއްދުމާއި ޕްރޮގްރާމް ކުރުމުގައި އިސްވެ ހަރަކާތްތެރިވި ޖެފް ރުލިފްސުން މި ދައްކާލުން ސިފަކުރަމުން ބުނެފައިވަނީ " އެއީ ރަނގަޅު ދައްކާލުމެއް ކަމަށާއި މައުސް އަކީ ހަގީގަތަކަށް ހެދިއްޖެ" ކަމުގައެވެ.
.
ޑޮކްޓަރ އެންގެލް ބާރޓްގެ ޓީމްގައި ރުފިލްސުން ބައިވެރިވީ 1965 ވަނަ އަހަރުގެ އެފްޖޭސީ ކޮންފަރެންސަށްފަހުގައެވެ. އެންގެލް ބާރޓް ކުރަން އުޅެނީ ކޮން ކަމެއްކަމާއި އެކަމުގެ މުހިންމުކަމުން އެކަމަށް ޝައުގުވެރިވެ އެކަމުގައި ބައިވެރިވީ ކަމަށް ރުފިލްސަން އާ ހަވާލާދީ ބީބީސީގައި ހާމަކޮށްފައިވެއެވެ.
.
ޑޮކްޓަރ އެންގެލް ބާރޓް ބޭނުންވީ އިންސާނާގެ ތޫނު ވިސްނުމަށް ޢަމަލީ ގޮތުން އެހީތެރިވެދޭ އެއްޗަކަށް ކޮމްޕިޔުޓަރ ހެދުމަށެވެ. އަދި އުފެއްދުންތެރި ގޮތެއްގައި ކޮމްޕިޔުޓަރ ބޭނުންކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމަށެވެ. މިވިސްނުންތައް ހަގީގަތަކަށް ހެދުމަށް ޚާއްސަ ކުރި ކޮމްޕިޔުޓަރ ވަނީ 1968 ވަނަ އަހަރުގެ ޝޯގައި ދައްކާލާފައެވެ. މި ކޮމްޕިޔުޓަރ ސިސްޓަމް އަށް ދެވިފައިވާ ނަމަކީ އެންއެލްއެސް އެވެ.
.
މިދުވަސް ފާހަގަކުރުމަށްޓަކައި އެމެރިކާގެ ކެލިފޯނިއާ ވަނީ ތައްޔާރުވެފައެވެ. މިމުނާސަބާގައި މައުސް އުފެއްދުމުގެ ދިރާސާކުރި ޓީމްގެ ސައިންސްވެރީން ބައިވެރިވާނެއެވެ