Welcome to Seenu Atoll School

ސްކޫލްގައި ބޭއްވޭ އިނާމު ދިނުމުގެ ހަފްލާ ނުވަތަ ޖަލްސާ

Posted on
  • Thursday, September 23, 2010
  • by
  • in
  • Labels:
  • ކޮންމެ އަހަރެއްގައިވެސް ފާއިތުވެ ދިޔަ އަހަރުގައި ސްކޫލްގައި ބޭއްވޭ އެކި އެކި ހަރަކާތްތަކުން ވަނަ ވަނަ ހާސިލް ކޮށްފައިވާ ދަރިވަރުންނަށް އެކުދިން ކޮފައިވާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އިނާމު ދިނުމުގެ ހަފްލާއެއް ބާއްވައެވެ. މި ހަފްލާއަކީ ސްކޫލްގައި މުޅި އަހަރުތެރޭގައިވެސް ބޭއްވޭ އެންމެ ޝަރަފްވެރި އަދި އެންމެ އިސްކަމެއްދީގެން ބާއްވާ ހަފްލާއަށް ވުމީ މިކަމުގެ މުހިއްމު ކަން ދޭހާވާ އެއް ސަބަބެވެ.

    .

    އިނާމު ދިނުމުގެ ޖަލްސާ އަކީ ބައެއްކުދިން އެދުވަހަކަށްޓަކައި އިންތިޒާރު ކުރާދުވަހެކެވެ. ސްކޫލް ދައުރުގައި ދަރިވަރަށް ލިބޭ އެންމެ ބޮޑު އުފާ ހާސިލްވާ ދުވަހެވެ. ސްކޫލްގައި ކިޔަވަމުން ދާ ދަރިވަރުންނާއި ރާއްޖޭގެ އިއްޒަތެރިންގެ ކުރިމަތީގައި ދަރިވަރު ކުރި މަސައްކަތް ކާމިޔާބު ކޮށްފައިވާކަން އިއުލާން ކުރުމަކީ ކޮންމެ ދަރިވަރަކުވެސް ބޭނުންވާނެ ކަމެކެވެ. އަދި އަގު ބޮޑު އިނާމުތަކާއި ، ތަށިތައް ނުވަތަ ޝީލްޑްތައް ވެސް ލިބިގެންދިއުމަކީ އެކުއްޖަކު ކުރި މަސައްކަތުގެ ހަދާނެއްގެ ގޮތުން ބެހެއްޓަން ވަރަށް މުހިންމު އެއްޗެސެވެ.

    .

    ކޮންމެ އަހަރަކުވެސް ކިޔެވުމަށް އެންމެ މޮޅު ދަރިވަރަކީ އެދުވަސް ނުވަތަ އެހަފްލާ އެކަމަކަށްޓަކައި ތައްޔާރުވެފައިވާ ކަމެވެ. އެދަރިވަރު މުޅި އަހަރު ތެރޭގައި ކުރި މަސައްކަތް ކާމިޔާބު ވީ ކަމުގެ އިހްސާސް ކުރެވޭނެވެ. އަދި އެކުއްޖަކަށް އިހުތިރާމް ކުރުމުގެ ގޮތުން ސްކޫލްގެ ދިދަތައް ހިފައިގެން އެދަރިވަރުގެ ފަހަތުން ދާނެވެ. އަދި އަތްތިލަ ބަޑީގެ އަޑުން މުޅި ހޯލް ގުޑުވާލާނެވެ.

    .

    އިނާމު ހާސިލު ނުކުރެވޭ ދަރިވަރުން އެދުވަހު އެވަގުތުގައި ވަރަށް ވަރުގަދަ އަޒުމެއް ކަޑައަޅާތަންވެސް އާދެއެވެ. އެ އަޒުމަކީ ޖެހިގެން އަންނަ އަހަރު ސްކޫލްގެ އެންމެ މޮޅު ދަރިވަރަށް ވުމަށް މަސައްްކަތް ކުރުމުގެ ވަރުގަދަ އަޒުމެވެ. އެވަގުތު އެ އަޒުމުގެ ވަރުގަދަ ކަމުން ޖެހިގެން ހުންނަ މީހާ ކައިރީގައި ބަޔެއް ފަހަރަށް ޖެހިގެން އަންނަ އަހަރަކީ ތިމަންނަގެ އަހަރޭ ބުނެލެވެއެވެ. އެހެންނަމަވެސް ޖެހިގެން އަންނަ ހަފަތާގައި ވަރަށް ގަދަ އަޅައި މަސަކަތް ކޮށްލުމަށް ފަހު ދެން ދޫކޮށްލެވޭތަން އާދެއެވެ. އެކުދިންގެ އަޒުމް ބަލިވެ ކިޔެވުމުގެ މަތިން ހަދާންނެތޭތަން އާދެއެވެ. އެދުވަހު ކުރި ވަރުގަދަ އަޒުމް މުގުރިގެން ދާން ފަދައެވެ.

    .

    ވީމާ ކޮންމެ ދަރިވަރަކީވެސް އިނާމު ދިނުމުގެ ޖަލްސާ ނުވަތަ ހަފަލާއަކީ އެކުއްޖަކަށްޓަކައި ބޭއްވޭ ހަފްލާއަކަށް ނުވަތަ ޖަލްސާއަކަށް ހެދުމަށްޓަކައި މަސައްކަތް ކުރާ ދަރިވަރަކަށްވާށެވެ. ޓެސްޓްތަކުން ރަނގަޅު ނަތީޖާ ހޯދައި ރަނގަޅު އަހުލާގެއްގެ ވެރި ދަރިވަރަކަށް ވެގެން ނޫނީ މިކަން ހާސިލު ކުރޭވޭނެ ހަމަ އެއްވެސް ގޮތެއް ނޮއޮނާނެކަމީ އެކަމަކާއި މެދު ހަމަ ވިސްނޭ އެއްވެސް ދަރިވަރަކު އަދި ބޭފުޅަކުވެސް ދެކޮޅު ހަދާނެކަމެއްނޫނެވެ.